ދުސްތޫރީ ޤާނޫނުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ” “ދުސްތޫރު” ގެ ލުޣަވީ ނުވަތަ (ބަހުގެ) މާނައަށް ބަލާއިރު އެއީ އަޞްލު ފާރިސީ ބަހުން އައިސްފައިވާ ކަލިމައެކެވެ. މާނައަކީ، “އަސާސް” އެވެ. އެހެންކަމުން ބައެއް ޤައުމު ތަކުގައި “ދުސްތޫރު” އަށް “ޤާނޫނު އަސާސީ” އޭ ކިޔައެވެ. މިގޮތުން މިޞްރުގައި 1923 ގެ ދުސްތޫރުގެ ކުރިން ނުކުތް ދުސްތޫރު ތަކަށް “ޤާނޫނު އަސާސީ” އޭ ކިއުނެވެ. އަދި އިނގިރޭސި ބަހުންނާއި ފަރަންސޭސި ބަހުން “ދުސްތޫރު” އަށް ކިޔަނީ (CONSTITUTION) ކޮންސްޓިޓިއުޝަން އެވެ. ޤަބޫލު ކުރެވޭ ގޮތުގައި ދިވެހިރާއްޖޭގެ ދުސްތޫރަށް “ޤާނޫނު އަސާސީ” އޭ ކިއުނު ސަބަބަކީ 1932 ގައި ދިވެހިރާއްޖޭގެ ފުރަތަމަ ދުސްތޫރު އެކުލަވާ ލެވުނު އިރު ޢަރަބި އިސްލާމީ ގިނަ ޤައުމު ތަކުގައި އެޤައުމު ތަކުގެ ދުސްތޫރު ތަކަށް ކިޔަނީ “ޤާނޫނު އަސާސީ” ކަމަށް ވާތީއެވެ. “
ޕްރޮފެސަރ އޯސްޓިން ވިދާޅުވަނީ “ދުސްތޫރީ ޤާނޫނު ނުވަތަ ޤާނޫނު އަސާސީ” އަކީ، ދާޚިލީ ޢާއްމު ޤާނޫނުގެ ބައެކެވެ. އޭގައި ބަޔާން ކުރެވިފައިވާނީ ދައުލަތުގެ ބާވަތާއި، އެބާރުތަކުގެ މައްޗަށް ދައުލަތް އުފެދިފައިވާ ބާރުތަކެވެ. އަފުރާދުންގެ އަސާސީ ޙައްޤު ތަކާއި އަފުރާދުންގެ އަސާސީ ވާޖިބު ތަކެވެ. ދުސްތޫރީޤާނޫނަކީ ދައުލަތުގެ ޤާނޫނު ތަކުގެ ތެރެއިން އެންމެމަތީ ޤާނޫނެވެ. ދައުލަތުގެ ހުރިހައި ތަންޒީމު ތަކުގެ ބިންގަލެވެ. ވީމާ، ދާޚިލީ ހުރިހާ ޤާނޫނެއްގެވެސް އަސާސަކީ އެއީއެވެ. މިޤާނޫނަށް “ޤާނޫނު އަސާސީ” އޭ ކިއުނީ މިހެންވެގެންނެވެ. “
މިދެބުނުމަށް ބަލާއިރު ފުރަތަމަ ބުނުމުގައި އެވަނީ ލަފުޡީ ނުވަތަ ބަހުގެ މާނަކަމުގައި ބުނެވިދާނެއެވެ. މިހެނީ ޤާނޫނު އަސާސީ އެއް އުފަންވާއިރު ވަކިސަރަޙައްދެއްގައި ދާއިމީ ގޮތެއްގައި ޤާއިމުވެތިބޭ ދިރިއުޅޭ މުސްތަޤިއްލު މިނިވަން ސިޔާސީ ބާރަކަށް ނުވަތަ ދައުލަތެއްގެ މައްޗަށްވާ ޤައުމަކަށް އެޤައުމު ނުވަތަ އެބަޔަކު ވެގެން މެނުވީ ޤާނޫނު އަސާސީއެއް ނުއުފެދޭނެއެވެ. އަދި އެޤާނޫނު އަސާސީއެއް އުފަންވާއިރު އެޤާނޫނު އަސާސީގައި ދައުލަތުގެ ވައްތަރާއި، ވެރިކަން ކުރުމުގެ ނިޡާމާއި، ދައުލަތުގެ އަސާސީ ބާރުތަކާއި ، ރައްޔިތުންގެ އަސާސީ ޙައްޤު ތަކާއި ވާޖިބު ތަކާއި، މިނިވަންކަން ހިމެނިފައި ވާނެއެވެ. އަދި އެދައުލަތަކީ، ޔުނިޓަރީ ދައުލަތެއް ތޯއާއި، ނުވަތަ ފެޑެރަލް ދައުލަތެއް ތޯއާއި، ވެރިކަމުގެ ނިޡާމަކީ ރަސްކަން ތޯއާއި، ނުވަތަ ޖުމްހޫރީ ތޯއާއި، ދައުލަތުގެ ނިޡާމަކީ ޑައިރެކްޓް ޑިމޮކްރަސީ ނިޡާމެއް ތޯއާއި، ނުވަތަ ރެޕްރެޒެންޓޭޓިވް ޑިމޮކްރެޓިވް ނިޡާމެއް ތޯއާއި، ދައުލަތުގެ ސިޔާސީ ނިޡާމަކީ ރިޔާސީ ނިޡާމެއް ތޯއާއި ނުވަތަ ބަރުލަމާނީ ނިޡާމެއް ތޯއާއި ނުވަތަ މަސްހުނި ނިޡާމެއް ތޯވެސް ކަނޑައެޅިފައި ވާނެއެވެ. އަދި ދައުލަތުގެ އަސާސީ ބާރުތައް އެކުލެވިގެންވާ ގޮތާއި، އެބާރުތަކުގެ މެދުގައި އޮންނަ ގުޅުމާއި އެބާރުތަކުގެ އިޚްތިޞާޞް ތަކާއި އެބާރުތައް މުސްތަޤިއްލު ވެފައިވާ މިންވަރުވެސް ކަނޑައެޅިފައިވާނެއެވެ.
މިދަންނަވާ ލެވުނީ ދުސްތޫރީ ޤާނޫނުގެ ޢާއްމު މަޢުޟޫޢީ ތަޢުރީފެވެ. އެހެނީ ދުސްތޫރީ ޤާނޫނާއި ބެހޭގޮތުން ވާހަކަ ދައްކާއިރު ބެލޭނީ މިހަމައިން ކަމަށް ވާތީއެވެ. ނަމަވެސް ވަކިޤައުމެއްގައި އޮންނަ ދުސްތޫރީ ނިޡާމަކާ ބެހޭގޮތުން ވާހަކަ ދައްކާނަމަ، ބަލަންވާނީ އެޤައުމެއްގައި އޮންނަ ދުސްތޫރުގެ މައްޗަށެވެ. އެއީ އެކިޤައުމުގެ ދުސްތޫރު ތަފާތު ވާނެތީއެވެ.
دستوري قانون ގެ معضوعي تعريف، އާއި سكلي ( ފޯމަލް ) تعريف .
ޢާއްމު ގޮތެއްގައި ދުސްތޫރުގައި ދެ ތަޢުރީފެއް އޮންނަ ކަމަށްވެއެވެ. އެއީ މަޢުޟޫޢީ ތަޢުރީފާއި ޝަކުލީ (ފޯމަލް) ތަޢުރީފެވެ. މަޢުޟޫޢީ ތަޢުރީފަކީ ލިޔެވިފައި އޮންނަ ދުސްތޫރެވެ. ޝަކުލީ ތަޢުރީފަކީ ނުލިޔެވި އޮންނަ ދުސްތޫރެވެ.
دستوري قانون ގެ معضوعي تعريف
ދުސްތޫރީ ޤާނޫނުގެ މަޢުޟޫޢީ ތަޢުރީފުގެ ވާހަކަ މަތީގައި ބަޔާން ކުރެވިފައި އެވަނީއެވެ. އެއީ ބަހުގެ ލިޔުމަށް ތިރިކުރެވި ދުސްތޫރުގައި ވާ ހުރިހާ ޙައްގެއް ނުވަތަ ބައެއް ލިޔުމުގެ ސިފައިގައި ފެންނަން އޮންނަ ދުސްތޫރެވެ.
دستوري قانون ގެ شكلي ( ފޯމަލް ) تعريف
ދުސްތޫރީ ޤާނޫނުގެ ޝަކުލީ (ފޯމަލް) ތަޢުރީފަކީ ކޮންމެ ޤައުމެއްގައި ވެސް ނުވަތަ ދައުލަތެއް ގައިވެސް އެ ދުސްތޫރެއްގެ ދުސްތޫރީ އިންސްޓުރޫމަންޓްގައި ބަޔާން ވެގެންވާ ޤާނޫނާއި ޤަވާޢިދު ތަކެވެ. ނަމަވެސް މިފަދަ ތަޢުރީފަކީ ހުރިހައި ޤައުމެއްގައި އޮންނަ ދުސްތޫރާއިގުޅޭ ތަޢުރީފެއްނޫނެވެ. މިސާލަކަށް އިނގިރޭސި ވިލާތެވެ. އެއީ އެތާގައި އޮންނަނީ ލިޔެފައިވާ ދުސްތޫރެއް ނޫނެވެ. ޢުރުފު ދުސްތޫރެކެވެ. މިފަދަ ދުސްތޫރަކަށް މިތަޢުރީފަކީ އެހާޖާމިޢު، އަދިމާނިޢު، ނުވަތަ ޝާމިލު ތަޢުރީފެއް ނޫނެވެ. އެހެނީ މިފަދަ ދުސްތޫރީ ޤާނޫނުތައް ދުސްތޫރީ ވާޘިޤާއިން ބޭރުވެފައި ހުންނާތީއެވެ. މިސާލަކަށް ރައީސް ނުވަތަ ޕާލިމެންޓު އިންތިޚާބު ކުރުމާބެހޭ ޤާނޫނަކީ ދުސްތޫރީ ޤާނޫނު ތަކެކެވެ. ނަމަވެސް އެފަދަ ޤާނޫނުތަކުގައި ދިގު ތަފުސީލުތަށް ހިމަނަން ޖެހޭތީ މިފަދަ ޤާނޫނުތައް ޤާނޫނުހަދާ މަޖުލިހުން (ލެޖިސްލޭޝަނުން) ފާސް ކުރުމަށް ދުސްތޫރީ މާހިރުން ލަފާ ދެއްވައެވެ. އަދިހަމަ އެހެންމެ ގިނަދުސްތޫރު ތަކުގައި ހިމެނެން ނުޖެހޭ ގިނަ ޒާތުގެ ދުސްތޫރީނޫން ކަންތައްތައް ހިމަނާފައި ހުރެއެވެ. އެއީ އެފަދަ ކަންތައްތަކަށް ޚާއްޞަ ޤުދުސިއްޔަތެއް ނުވަތަ މާތްކަމެއް ދިނުމެވެ. އަދި ފަސޭހައިން އެފަދަ ކަންތައްތައް ބަދަލު ކުރުމުން އެއްކިބާ ކުރުވައެވެ. މިސާލަކަށް ސްވިޒަރލޭންޑްގެ ދުސްތޫރުގައި ޙައިވާނު ކަތިލުން އެޤައުމުގައި ތަންޡީމު ކުރުވިފައިވެއެވެ.
دستوري قانون ގައި އެކުލެވިގެންވާ ބައިތައް
ދުސްތޫރީ މާހިރުން ވިދާޅުވާ ގޮތުގައި މިޒަމާނުގެ ދައުލަތްތައް އުފެދެނީ ތިންބައެއްގެ މައްޗަށެވެ.
السلطة التشر يعية ( ލެޖިސްލޭޝަން ) ޤާނޫނު ހަދާބާރު – މިބާރުގެ ވަޡީފާއަކީ ޤާނޫނުތައް ހެދުމެވެ.
السلطة التنفيذ ية ( އެގްޒެކެޓިވް ) ތަންފީޛުކުރާ ބާރު – މިބާރުގެ ވަޡީފާއަކީ ޤާނޫނުތައް ހިންގުމުގައި ޢާއްމު އޮފީސްތައް ހިންގުމެވެ.
السلطة القضا ئية ( ޖުޑިކޭޝަން ) ނިޔާކަނޑައަޅާ ބާރު – މިބާރުގެ ވަޡީފާއަކީ ހުށަހެޅޭ ޤަޟިއްޔާ ތަކުގެ މައްޗަށް ޤާނޫނުތައް تطبيق ކުރުމެވެ.
މިޒަމާނުގެ ގިނަ ދައުލަތް ތަކުގެ ދުސްތޫރީ ޤާނޫނު ތަކުގައި މިތިންބާރު ވަކިކޮށް ބޭއްވުމަށް ބާރުއަޅާފައި ވެއެވެ. މިކަން ފާހަގަކޮށް އެންމެ ބޮޑަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެވެނީ ފަރަންސޭސި ވިލާތުގެ ވޯންޓެސްކިޔު ކިއުނު މީހެކެވެ. އޭނާ ބުނާ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް ބާރެއް ޙަވާލު ކުރެވިއްޖެނަމަ، އެބާރުގެ ބޭނުން ކުރަމުންދާނީ ގިނަފަހަރަށް ހަމައިން ނެއްޓިގެންނެވެ. މިކަން ތާރީޚުގެ ހެކިތަކުންނާއި ތަޖުރިބާއިން އެގެން އެބައޮތެވެ. މިތިން ބާރު އެއްފަރާ ތަކާއި ޙަވާލު ކުރުމަށްވުރެ ތިންފަރާތާއި ޙަވާލު ކުރުމުން ކޮންމެ ބައެއް އެބައެއްގެ ދާއިރާއިން ބޭރުވިޔަނުދީ ހިފަހައްޓާނެއެވެ.
دستوري قانون ގެ ބާވަތްތައް
ދުސްތޫރީ ޤާނޫނު އުފެދޭ ގޮތަށް ބަލާއިރު އެއީ 3 ބާވަތެއްގެ ޤާނޫނުވާ ކަމަށް ވެއެވެ.
ޙާކިމާގެ ފަރާތުން ރައްޔިތުންނަށްދެވޭ ހަދިޔާއެއްގެ ގޮތުގައި ނުކުންނަ ޤާނޫނު އަސާސީ (ގްރާންޓް ނުވަތަ منحة).
ރައްޔިތުންނާއި ޙާކިމާއާއި ދެމެދު ކުރެވޭ ޢަޤުދު އެއްގެ ނަތީޖާ އެއްގެ ގޮތުން ނުކުންނަ ޤާނޫނު އަސާސީ.
ރައްޔިތުން އެމީހުންގެ އަމިއްލަ ނަފުސަށްޓަކާ ހަދާ ޤާނޫނު އަސާސީ.
ފުރަތަމަ ބުނެވުނު 2 ޤާނޫނު އަސާސީއަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިނުވާ ޤައުމުތަކަށް އެކަށީގެންވާ ޤާނޫނު އަސާސީ ތަކެކެވެ. ނަމަވެސް 3 ވަނައަށް މިބަޔާން ކުރެވުނު ޤާނޫނު އަސާސީއަކީ ދުސްތޫރީ ޤާނޫނުގެ އެންމެ ފުރިހަމަ ވައްތަރެވެ. އެއީ މިޤާނޫނު އަސާސީ ހަދަނީ ރައްޔިތުން އެކަމަށް އިންތިޚާބުކުރާ މަޖުލިސަކުން ނުވަތަ ސަރުކާރުން ޤާނޫނު އަސާސީއެއް ހަދައި އެޤާނޫނު އަސާސީ ރައްޔިތުންގެ ޢާއްމު ވޯޓަކުން ފާސްކޮށްގެން ކަމަށްވާތީއެވެ.
دستوري قانون އަށް ބަދަލު ގެނެވޭ ގޮތް
ދުސްތޫރީ ޢިލްމު ވެރިން ވިދާޅުވާ ގޮތުގައި ދުސްތޫރީ ޤާނޫނަށް ބަދަލު ގެނައުމުގައި 2 ވައްތަރެއްގެ ދުސްތޫރެއް ވެއެވެ.
މަރިން ( مرن ) ނުވަތަ ފްލެކްސިބްލް (FLEXIBLE) ކިޔާ ވައްތަރުގެ ދުސްތޫރެވެ. މިވައްތަރުގެ ދުސްތޫރަށް ބަދަލު ގެނައުމުގައި ވަކި ޚާއްޞަ ކަންތައްތަކެއް ކުރުމަކާއި ނުލައި އާދައިގެ ޤާނޫނަކުންވެސް ބަދަލު ގެނެވި ދާނެއެވެ. މިވައްތަރުގެ މިސާލެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ދުސްތޫރު ބެލެވި ދާނެއެވެ. އެއީ އިނގިރޭސި ވިލާތުގެ ދުސްތޫރީ ޤާނޫނުގެ ކޮންމެ މާއްދާ އެއްވެސް އެތާގެ ޕާލިމެންޓުން ފާސްކުރާ އާދައިގެ ޤާނޫނަކުން ބަދަލުކުރެވި ދާނެއެވެ. މިއަށް އިޝާރާތް ކޮށް އިނގިރޭސި ވިލާތުގެ މަޝްހޫރު ވެފައިވާ ޤާނޫނީ ދާއިރާގެ ބަހެއް އޮވެއެވެ. އެއި، “ފިރިހެނަކު އަންހެނަކަށް ހެދުން ނުވަތަ އަންހެނަކު ފިރިހެނަކަށް ހެދުން ނޫން ކޮންމެ ކަމެއް ކުރުމުގެ ބާރު ޕާލިމެންޓަށް ލިބިގެން ވެއެވެ.”
ޖާމިދު (جا مد) ނުވަތަ ރިޖިޑް (RIGID) ކިޔާ ވައްތަރުގެ ދުސްތޫރެވެ. މިދުސްތޫރަކަށް އާދައިގެ ޤާނޫނަކުން ބަދަލެއް ނުގަނެވޭނެއެވެ. އޭގެ ބަދަލުގައި އާދަޔާ ޚިލާފު ޚާއްޞަ ކަންތައްތަކެއް މިދުސްތޫރަށް ބަދަލު ގެނައުމަށް ޓަކައި ކުރަން ޖެހެއެވެ. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑު މެންގެ ރާއްޖޭގެ ޤާނޫނު އަސާސީ ނުވަތަ ދުސްތޫރީ ޤާނޫނު ބެލެވި ދާނެއެވެ. އެއީ، އެދުސްތޫރަށް ބަދަލު ގެނައުމަށް ޓަކައި ރައްޔިތުންގެ މަޖިލިހުގެ ހަތަރުބައި ކުޅަ އެއްބައިގެ އަޣުލަބިއްޔަތުން ފާސް ކުރެވޭ ޤާނޫނަކުން މެނުވީ ދުސްތޫރަކަށް ބަދަލު ނުގަނެވޭނެތީއެވެ. އަދި ކުރިން އޮތްގޮތުން ބަދަލު ގެނެވޭނީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސް ވެގެންނެވެ.
دستوري قانون އަކީ قانون އެއް ހެއްޔެވެ؟
ދުސްތޫރީ ޤާނޫނުގެ ބައެއް ޢިލްމު ވެރިން ދުސްތޫރީ ޤާނޫނުގެ ޤާނޫނިއްޔަތާމެދު ޝައްކު ކުރި ނަމަވެސް، އަދި ޤާނޫނީ ރުކުންތައް ހަމަނުވާ ޤާނޫނަކީ، އޭގެ ފުރިހަމަ މާނައިގައި ޤާނޫނީ ޤަވާޢިދަކަށް ނުވެފައި، ދުސްތުރީ ޤަވާޢިދަކީ އެއާއި ޚިލާފުވާ ފަރާތްތަކަށް ދެވޭ ޖަޒާގެ ރުކުން ހިމެނޭ ޤަވާޢިދަކަށް ނުވި ނަމަވެސް ދުސްތޫރީ ޤާނޫނަކީ އޭގެ ޒާތުގައި ވެރިކަން ކުރާ ބާރު ތަކުގެ މައްޗަށް މުޚާތަބު ކޮށް އެބާރު ތަކުގެ އިޚުތިޞާޞްގެ ޙުދޫދު ކަނޑަ އަޅާ އެއްޗަކަށްވީ ހިނދު އެބާރުތަށް ދުސްތޫރީ ޤާނޫނަށް ތަބާވުމަކީ ލާޒިމު ވެގެންވާ ކަމެކެވެ. އަދި، އެއާއި ޚިލާފު ވުމުން އެބާރު ތަކުގެ މައްޗަށް ޖަޒާ ތަންފީޛުވާން ޖެހޭނެއެވެ. ނަމަވެސް ޤާނޫނަށް ތަބާވުމަށް ނުވަތަ ޢަމަލު ކުރުވުމަށް ލާޒިމު ކުރުވައި، ޢަމަލު ނުކުރާ ފަރާތް ތަކަށް މާއްދީ ޖަޒާ ތަންފީޛު ކުރުވަނީ މަޖުބޫރު ގޮތަކަށް ވެރިކަންކުރާ ފަރާތުން ކަމަށްވީ ހިނދު އެފަރާތުގެ އަމިއްލަ ނަފުސުގެ މައްޗަށް ޤާނޫނު ތަންފީޛު ކުރުން މަޖުބޫރު ނުކުރުވާނެއެވެ. ވެރިކަންކުރާ ފަރާތުން ބޭނުންނަމަ ބޭނުން ވަގުތަކު އެޤާނޫނާއި ޚިލާފު ވެވިދާނެއެވެ، އެބައި މީހުން ދުސްތޫރަށް ތަބާވާނީ އިޚުތިޔާރީ ގޮތެއްގައެވެ. އަދި އެފަރާތަށް މާއްދީ ޖަޒާއެއް މަޖުބޫރީ ގޮތެއްގައި ނުދެވޭނެއެވެ.
ޤާނޫނީ ފަލްސަފާ ވެރިއެއް ކަމަށްވާ އޯސްޓިންގެ ނަޒަރިއްޔާ
ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރު ކުރުން.
ސިޔާސީ ޙާކިމެއްގެ ފަރާތުން މިއަމުރު ކުރުން.
މިއަމުރަށް ކިޔަމަންވާނޭ ކަމުގެ ޔަޤީން ކަމެއް ލިބުމުގެ ގޮތުން ނުކިޔަމަންވީ މީހަކަށް ޖަޒާއެއް އޮތުން.
އޭނާ ބުނެފައި ވެއެވެ. “ޤާނޫނަކީ ނަޞޭޙަތެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ، ބާރު ލިބިގެންވާ ފަރާތަކުން އެފަރާތަކަށް ކިޔަމަންވާންޖެހޭ ބަޔަކަށް މުޚާތަބު ކުރެވޭ އަމުރެކެވެ.” އޯސްޓިންގެ މިބަހުން ދުސްތޫރީ ޤާނޫނަށް ޤާނޫނުގެ ސިފަ ލިބިގެންވާ ކަމާމެދު އިންކާރުކުރާ ދަރަޖައަށް ގޮސްފައި ވެއެވެ.
ނަމަވެސް ދުސްތޫރުގެ ގިނަ ޢިލްމު ވެރިންދެކޭ ގޮތުގައި ޤާނޫނެއްގައި ހުންނަންޖެހޭ ހުރިހައި ސިފައެއް އެންމެ ފުރިހަމަ ގޮތުގައި ޤާނޫނު އަސާސީގައި ވެއެވެ. އަދި ޤާނޫނު އަސާސީގައި، ޤާނޫނެއްގައި ހިމެނެންޖެހޭ ހުރިހައި ރުކުން ތަކުގެ ތެރެއިން “އަދަބު” ނުހިމެނޭ ޤާނޫނެއް ކަމުގައި ކުރެވޭ ދަޢުވާއަކީ ޙަޤީގަތާއި ޚިލާފު ދަޢުވާއެކެވެ. އެހެނީ އަދަބަކީ ވެރިކަންކުރާ ބާރުތަކުން ކޮންމެހެން އެފަރާތަށް ލިބިފައިވާ ސިޔާދަތާއި ސުލްޠަނަތުގެ ބާރު ނުވަތަ ވަޞީލަތް ބޭނުން ކޮށްގެން ތަންފީޛު ކުރެވޭ އެއްޗެއް ކަމަށް ވާކަށް ނުޖެހެއެވެ. އަދި އަދަބު ދިނުމުގައި ބަލަން ޖެހޭނީއަކީ ވެރިކަންކުރާ ފަރާތާއި އެފަރާތުގެ އިރާދައަކަށް ނޫނެވެ. ރައްޔިތުންގެ އިރާދައާއި އެބައި މީހުންގެ ރޯލަކީވެސް ބަލަން ޖެހޭނެ އެއްޗެކެވެ. ވެރިކަންކުރާ ފަރާތުން ދުސްތޫރާއި ޚިލާފު ވުމުން ތަފާތު ގޮތްތަށް ބޭނުން ކޮށްގެން ރައްޔިތުންގެ ފަރާތުން ފާޅުކުރާ ނުރުހުމާއި ކުރާ އިޙުތިޖާޖު ތަކާއި މުޒާހަރާ ތަކުގެ ތެރެއިން ރައްޔިތުންގެ ޝުޢޫރު ފުޅާވެގެން އުފެދޭ އިދިކޮޅު ޙަރަކާތް ތަކާއި ސަރުކާރު ބަދަލު ކުރުންފަދަ ކަންކަމަކީ ވެރިކަންކުރާ ފަރާތް ދުސްތޫރަށް ބޯލެނބުމަށް މަޖުބޫރު ކުރެވޭ ވަޞީލަތާއި އަދަބު ތަކެވެ.
މިދެންނެވި އެއްޗެއް ފަހުމު ކޮއްލުމަށްޓަކައި މިމިސާލު ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުން ނަގަމާތޯއެވެ؟ ޤާނޫނުލް ޢުޤޫބާތުގައި ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރި ނުވުމަށް އަމުރު ކޮށްފައެއް ނުވެއެވެ. އޮންނަނީ “ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވި މީހަކަށްދެވޭ އަދަބަކީ ގިނަވެގެން އަހަރު ދުވަހަށް އަރުވާ ލުމެވެ.” މި ބުނުމުގައި އަމުރެއް ކޮށްފަ ނެތީމާ މިއީ ޤާނޫނީ ޤަވާޢިދަކަށް ނުވާނެތާއެވެ. ނަވެސް ތިޔަ އިޢުތިރާޟު މުޅިން ގޯސް، އެހެން ނޫންތޯއެވެ؟ އެހެނީ ޤާނޫނުލް ޢުޤޫބާތުގައި ކަމެއް ކުރުމުން އަދަބެއް ކަނޑަ އެޅިފައި އޮތުމުން މާނައަކީ އެއަދަބު ލިބޭކަންތައް ނުކުރުމަށް އަމުރު ކުރެއެވެ. ވީމާ، ދެންނެވެންއޮތީ ޤާނޫނު އަސާސީއަކީ އޭގެ އެންމެ ފުރިހަމަ މާނައިގައި ޤާނޫނީ ސިފަ ލިބިގެންވާ ޤާނޫނެކެވެ. ދައުލަތުގެ ޤާނޫނު ތަކުގެ އެންމެމަތީ ދަރަޖައިގެ ޤާނޫނެކެވެ. އެހެނިހެން ޤާނޫނު ތަކުގެ އަޞްލެވެ. ދައުލަތުގެ އެންމެމަތީ ވެރިޔާ އެއާއި ޚިލާފުވި ނަމަވެސް އަދަބު ލިބޭނެއެވެ. އެއަދަބު ދޭނީ އޭނާ އަމިއްލަ އަކަށް ނޫނެވެ. އެއަށްވުރެ މަތިން އޭނާއަށް ބާރުތައްދިން ފަރާތް އުއްމަތެވެ. ރައްޔިތުންނެވެ.
دستوري قانون އާއި އާދައިގެ قانون
ދުސްތޫރީ ޤާނޫނަކީ ޤާނޫނު އަސާސީއެވެ. ޤާނޫނު އަސާސީއަކީ ޤާނޫނު ތަކުގެ އެންމެމަތީ ޤާނޫނެވެ. ޤާނޫނު އަސާސީ އުފަންވަނީ ރައްޔިތުންގެ ކިބައިންނެވެ. ޤާނޫނު އަސާސީގެ ހުރިހައި ބާރެއް ފެށިގެން އަންނަނީވެސް ރައްޔިތުންގެ ކިބައިންނެވެ. ވެރިކަން ކުރާފަރާތުގެ މިނިވަން ކަމާއި ޙައްޤުތައް އަދި ވާޖިބުތައް، ރައްޔިތުންގެ މިނިވަން ކަމާއި ޙައްޤުތައް އަދި ވާޖިބުތައް ކަނޑައެޅިފައި ވަނީވެސް ދުސްތޫރު ނުވަތަ ޤާނޫނު އަސާސީގަ އެވެ. އަދި ހުރިހާ ޤާނޫނެއް ހެދެނީވެސް ދުސްތޫރު ނުވަތަ ޤާނޫނު އަސާސީއާއި ޚިލާފުނުވާ ގޮތުގެ މަތީންނެވެ. ދުސްތޫރު ނުވަތަ ޤާނޫނު އަސާސީއާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ. ދުސްތޫރީ ޤާނޫނަކީ ދައުލަތުގެ އެންމެހައި ޤާނޫނު ތަކެއް އެޤާނޫނެއްގެ މައްޗަށް ހެދިފައި ހުންނަންވާނެ މައި ޤާނޫނެވެ. ދުސްތޫރީ ޤާނޫނާއި އެހެން ޤާނޫނުތައް މަޢުޟޫޢީ ގޮތުންނާއި ފޯމަލް ގޮތުން ތަފާތުވާނެއެވެ. މިގޮތުން ދުސްތޫރު ނުވަތަ ޤާނޫނު އަސާސީ އާއިބެހޭ ގޮތުން ކުރިންވެސް ވަރަށް ދިގުކޮށް ވާހަކަ ދެކެވިފައި ވާނެއެވެ.
ނަމަވެސް އާދައިގެ ޤާނޫނަކީ ލެޖިސްލޭޝަން ނުވަތަ ތަޝްރީޢުން ހަދާޤާނޫނު ތަކެކެވެ. ތަޝްރީޢު އޭ ބުނުމުން ދޭހަވަނީ ޤާނޫނޫ އަސާސީއިން އެކަމަށް ޙާއްޞަކޮށްފައިވާ ހައިއަތެއްގެ ވަޞީލަތުން ޤާނޫނުތަށް ހެދުމެވެ. ގިނަފަހަރަށް މިހައިއަތު އޮންނަނީ ރައްޔިތުން އެކަމަށް ހޮވާ ރައްޔިތުންގެ ވަކީލުން ތަކެއްގެ މައްޗަށެވެ. މިއަށް ރައްޔިތުންގެ މަޖިލިހޭ ކިޔައެވެ. ބައެއް ޤައުމު ތަކުގައި ދެމަޖިލިސް އޮވެއެވެ. ރާއްޖޭގައި އޮންނަނީ އެއްމެ މަޖިލިހެކެވެ. މިމަޖިލިހުން މުޖުތަމަޢުގައި ހިނގާ އެކިއެކި ކަންކަމާގުޅޭ ގޮތުން ޤާނޫނު އަސާސީއާއި ޚިލާފުނުވާ ގޮތުގެ މަތިން ޤާނޫނުތައް ހަދައެވެ. މިއަށް އާދައިގެ ޤާނޫނޭ ކިޔައެވެ. އެއީ މިޤާނޫނުތައް ހަދަނީ ޤާނޫނު އަސާސީއާއި ޚިލާފު ނުވާނޭ ގޮތުގެ މަތިން ކަމަށް ވާތީއެވެ.
قانون ގެ دستور ية ކަން ބެލުން
އުޞޫލީ ގޮތުން ބަލާއިރު ޤާނޫނުގެ ދުސްތޫރިއްޔަތުކަން ބެލޭނެތަނަކީ السلطة القضا ئية އެވެ. السلطة القضا ئية އެކުލެވިގެންވަނީ ނިޔާކުރާ މަޙުކަމާ ތަކާއި ކޯޓުތަކުގެ މައްޗަށެވެ. މިގޮތުން އެކި ޤައުމުގައި އެކިދަރަޖައިގެ ކޯޓުތަށް ހުރެއެވެ. އެކި ނަންނަމުގައި އެކިފެންވަރު ގައެވެ. އިނގިރޭސި ވިލާތުގައި ހުންނަނީ ޑިސްޓްރިކްޓް ކޯޓާއި، ކޯޓްސް އޮފް ފަސްޓް އިންސްޓަންސް، އާއި ކޯޓްސް އޮފް އެޕީލް، އާއި ހައުސް އޮފް ލޯޑްސްއެވެ. ޑިސްޓްރިކްޓް ކޯޓުން ނިންމާ މައްސަލަ ކޯޓްސް އޮފް ފަސްޓް އިންސްޓަންސް އަށް ހުށައެޅެއެވެ. ކޯޓްސް އޮފް ފަސްޓް އިންސްޓަންސް އިން ނިންމާ މައްސަލަ ކޯޓްސް އޮފް އެޕީލް އަށް ހުށައެޅެއެވެ ކޯޓްސް އޮފް އެޕީލް އިން ނިންމާ މައްސަލަ ހައުސް އޮފް ލޯޑްސް އަށް ހުށައެޅެއެވެ. މިކޯޓުން ނިންމޭ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އެއަކަށް ބަދަލެއް ނުގެނެވޭނެއެވެ. ރާއްޖޭގައި މިހުންނަނީ ރާއްޖެތެރޭގެ ކޯޓުތަށް (ރަށުކޯޓުތަށް ނުވަތަ ދަށުކޯޓު) ތަކާއި މާލޭގެ ކޯޓުތަކާއި ހައިކޯޓާއި ސްޕްރީމް ކޯޓެވެ. ރާއްޖޭގައިވެސް ސްޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އެއަކަށް ބަދަލެއް ނުގެނެވޭނެއެވެ.
ޤާނޫނު އަސާސީއާއި ޤާނޫނު ތަކާއި ޚިލާފުވޭތޯ އެކި ޤައުމު ތަކުގައި ބެލެނީ އެކި ގޮތަށެވެ. މިގޮތުން ދެގޮތަކަށް ނުވަތަ ތިންގޮތަކަށް ބެލޭ ކަމުގައި ބުނެވި ދާނެއެވެ.
އެއްގޮތަކީ އެކަމަށް ޚާއްޞަ ކުރެވި ފައިވާ މަޖުލިހަކުން ބަލާބެލުމެވެ. މިސާލަކަށް ފުރާންސް ފަދަ ޤައުމު ތަކަށް ބަލަމާތޯއެވެ. މިޤައުމު ތަކުގައި މިގޮތަށް އެކުލަވާ ލެވިފައި އޮންނަ މަޖިލިހެއް އޮވެއެވެ. އެއީ ކުރިން ވެރިކަންކުރި ވެރިންގެ ތެރެއިން 3 މެމްބަރުންނާއި ޕާލިމެންޓުގެ ތިރިގެއިން 3 މެމްބަރުންނާއި ޕާލިމެންޓުގެ މަތިގެއިން 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އެކެވެ. މިކޮމެޓީގެ މަޖިލިސުން މިފަދަ މައްސަލަތަށް ބެލުމުގައި މިބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނަށް ވެފައި މިފަދަ ބޭފުޅުން އެކުލެވޭ މަޖިލީހަކީ ސިޔާސީ ބޭފުޅުންގެ މައްޗަށް އެކުލެވިފައި އޮންނަ މަޖިލީހަކަށްވާތީ މިފަދަ މަޖިލިސް ތަކުން ނިންމާ ނިންމުން ތަކުގެ އިންސާފުވެރި ކަމާމެދު މީސްތަކުންގެ ހިތްތަކުގައި ސުވާލު އުފެދޭގޮތް ވެފައިވާތީ މިގޮތް އެހާ ރަނގަޅު ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފުވޭތޯ ބަލާ ދެވަނަ ގޮތަކީ އެކަމަށް ޚާއްޞަ ކުރެވި ފައިވާ ކޯޓަކުން ބަލާ ބެލުމެވެ. މިގޮތުން ބައެއް ޤައުމު ތަކުގައި ދުސްތޫރީ މައްސަލަތަށް ބެލުމަށް ވަކިން ޚާއްޞަ ކޯޓެއް އުފައްދާފައި ހުރެއެވެ. އެފަދަ ޤައުމު ތަކުގައި އެފަދަ މައްސަލަތަށް އެކޯޓަށް ހުށަހެޅުމުން އެކޯޓުން ނިންމާ ނިންމުމާ އެއްގޮތަށް ޢަމަލު ކުރެއެވެ. މިފަދަ ދުސްތޫރީ މައްސަލަތަށް ބަލަން ޚާއްޞަ ކޯޓެއް ނުހުންނަ ޤައުމު ތަކުގައި މިފަދަ މައްސަލަތަށް ހުށަހަޅަ އަޅައި ބަލަމުން ގެންދަނީ އެޤައުމެއްގައި ހުންނަ އެންމެމަތީ ކޯޓުންނެވެ.
ތިންވަނަ ގޮތަކީ ހުށަހެޅި ފައިވާ މައްސަލަ އެއްގައި ޤާނޫނެއް ނުވަތަ ޤާނޫނުގެ ވަކި މާއްދާއެއް ޤާނޫނު އަސާސީއާއި ފުށުއަރާ ކަމަށް ޚަސްމަކު ބުނެ ވަކާލާތު ކޮށްފިނަމަ، އެމައްސަލަ ބައްލަވާ ފަނޑިޔާރަކު އެކަން ބެއްލެވުމެވެ. ނަމަވެސް މިފަދަ މައްސަލަ އެއްގައި އެޙަވާލާ ދެވުނު މާއްދާ ނުވަތަ ޤާނޫނު ދުސްތޫރާއި ޚިލާފު ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެބައި ނުބަލައި ދޫކޮށްލާނީއެވެ. އެޚިލާފުވި މާއްދާ ނުވަތަ ޤަނޫނު އެއީ ބާޠިލު އެއްޗެއް ކަމަކަށް ނުނިންމާނެއެވެ. އެހެނީ އެމައްސަލަ ނުވަތަ އެފަދަ އެހެން މައްސަލައެއް އެހެން ފަނޑިޔާރަކަށް ހުށަހެޅި އެފަނޑިޔާރަށް ފެންނަ ގޮތަކުން އެމާއްދާ ނުވަތަ އެޤާނޫނު ދުސްތޫރާއި ޚިލާފު ކަމަށް ނުފެނި އެއަށް ޙަވާލާ ދީފާނެތީ އެއީ ހަމަޖެހޭ އުޞޫލަކަށް ނުވާނެތީ އެވެ.
ކޯޓުތަކުން دستورية ކަން ބެލުމާމެދު އޮންނަނީ ކޮން ގޮތެއްތޯ؟
ދައުލަތުގެ ތިންބާރު ވަކިވެފައި އޮތުމަކީ އެންމެންވެސް ޤަބޫލުކުރާ މަބްދައު އެއްކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނީ އިސްލާމީ ބައެއް ދައުލަތްތަކުގައިވެސް ކަން އެގޮތަށް އޮންނާތީއެވެ. السلطة التشريع އާއި السلطة القضاء އަކީ ވަރަށް ޚާއްޞަ ވަޡީފާއެއް އަދާކުރާ ދެބާރެވެ. މިތަނުން ތަޝްރީޢުގެ ވަޡީފާއަކީ ޤާނޫނު ހެދުމެވެ. ޤަޟާގެ ވަޡީފާއަކީ ޤާނޫނު تطبيق ކުރުމެވެ. ޤާނޫނުތަށް ދުސްތޫރާއި އެއްގޮތްތޯ ބެލުމުގެ ބާރު ކޯޓުތަކަށް އޮންނަ ކަމަށް ބަލައިފިނަމަ ބާރުތައް ވަކިން އޮތުމުގެ މަބްދައު ގެއްލުނީއެވެ. އެހެނީ މިޙައްޤު ކޯޓުތަކަށް އޮންނަނީނަމަ سلطة القضاء އިން سلطة التشر يع ގެ ޢަމަލު ތަކަށް ބެހިގަންނަގޮތް ވާނެއެވެ. ކޯޓު ތަކަށް މިޙައްޤު ލިބިގެން ނުވާކަމަށް ދަޢުވާކުރާ މީހުންގެ އެންމެ ބޮޑު حجة އަކީ މިއެވެ. ނަމަވެސް މި حجة ޤާނޫނީ ތިލަފަތަކުން ކިރާލައިފިނަމަ މި حجة އަކީ ބިނާކުރަނިވި حجة އެއް ކަމަކަށް ދޭހައެއް ނުވެއެވެ. އެހެނީ قانون ތައް دستور އާއި އެއްގޮތްތޯ ބެލުމުގެ حق ކޯޓު ތަކަށް ދިނުމަކުން އެކޯޓު ތަކަކީ سلطة التشر يع އަށްވުރެ މަތީބައަކަށް ނުވެއެވެ. އެއީ ކޯޓުތަކުން އެކަން ބަލަނީ ހުށަހެޅިފައިވާ މައްސަލަ އަކާއިގުޅޭ ގޮތުން ކަމާއި މައްސަލަ އަކާއި ނުބެހޭ مستقبل ކަމެއްގެ ގޮތުން ނޫންކަމާއި ކޯޓުތަކުން ކުރާހާވެސް ކަމަކީ دستور އާއި خلاف قانون އެއް تطبيق ކުރުން މަނާވެގަނެ سلطة التشر يع އިން دستور އާއ خلاف ކަމެއް ކުރީމާ އެއަށް ތަބާނުވަނީއެވެ.
قانون އެއް ستور އާއި އެއްގޮތްތޯ ނުވަތަ خلاف ތޯ ކޯޓުތަކުން ބަލަނީ سياسي ގޮތަކުން ނޫނެވެ. قانوني نظر އަކުންނެވެ. ޕާރޓީ ތަކުގެ جز بية سياسي އޮއިވަރުގައި ޖެހިގެން ދާތަން تجر بة އިން ފެނުނަސް ކޯޓުތަށް އެފަދަ ގޮތަކަށް ދާތަން ފެނިފައެއް ނެތެވެ. دولة ގެ ތިންބާރު ވަކިން އޮތުމަކީ އެންމެންވެސް قبول ކުރާ مبدء އެކެވެ. މިކަން މިހެން އޮތުމަކުން قانون ތައް دستور އާއި އެއްގޮތްތޯ ބެލުން ކޯޓުތަށް محروم ކުރާކަށް لازم އެއް ނޫނެވެ. سلطة التشريع އާއި سلطة القضاء އަކީ مستقل ވަކި ދެބާރެވެ. އެދެބާރު އެއްބާރުގެ عمل އާއި އަނެއްބާރު ބެހިގަތުމެއް ނެތެވެ. އަދި އޭގެ حدّ އިން ބޭރު ވުމެއްވެސް ނެތެވެ. دستور އަކީ މިދެބާރަށްވުރެ އަދި دولة ހުރިހާ ބާރަކަށްވުރެ މާމަތީގައި އޮންނަ އެއްޗެކެވެ. دستو އަށް އެތިން ބާރުވެސް ކިޔަމަންވާން ޖެހޭނެއެވެ. ވީއިރު سلطة التشر يعية އިން دستور އާއި خلاف قانون އެއް ނެރެފިއްޔާ އެއީ އެފާރާތުން ކުރިކަމެކެވެ. އެފަރާތުން އެކުޅަ عمل އަށް سلطة القضا ئية އިން تبع ވެގެން ފަހަތުން ހިނގުމަކީ ކުރަން ޖެހޭނެ ކަމެއް ނޫނެވެ. سلطة التشر يع އިން ފާސްކުރާ قانون ތަށް تطبيق ކުރުމަކީ سلطة القضاء އަށް އޮތް ކަމެކެވެ. ހަމަ އެފަދައިން سلطة القضاء ގެ މައްޗަށް دستور އާއި އެއްގޮތައް حكم ކުރުމަކީ واجب ކަމެކެވެ. ވީއިރު ހުރިހާ ބާރަކަށްވުރެ މަތީ ބާރަކަށް دستور ވާއިރު قانونއެއް دستور އާއި تعارض ވެއްޖެނަމަ تبع ވާންޖެހޭނީ دستور ބުނާ އެއްޗަކާއެވެ. دستور އާއި خلاف އަށް ނުކުތް قانون އަކީ ފުރިހަމަ މާނައިގައި قانون އެއް ކަމަކަށް ނުބެލެވޭނެއެވެ. ވީމާ، ކޯޓުތަކުން ނުވަތަ قاضي އަކަށް قانون تطبيق ކުރާކަށް ނުޖެހޭނެއެވެ. ދެން މިބަލައިލަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީ އަށެވެ.