ޤާނޫން އަސާސީ އެކުލަވާލުމަށް މަސައްކަތްކުރުމަށްޓަކައި ދިވެހި ސަރުކާރުން 2 ކޮމިޓީއެއް އުފެއްދެވިއެވެ. އެއް ކޮމިޓީގެ މަސައްކަތަކީ ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޭރުގެ ސަފީރު އިނގިރޭސި ބަހުން ލިޔުއްވަވާފައިވާ ޤާނޫނު އަސާސީ ދިވެހި ބަހަށް ތަރުޖަމާކުރުމެވެ. މިއީ ޤާނޫން އަސާސީ އަވަސް މުއްދަތެއްގައި ފައްކާވެގެން ދިއުމުގެ އެއްސަބަބެވެ. އަނެއްކޮމިޓީގެ މަސައްކަތެއްކަމުގައި ވެފަ އޮތީ ހެދިފައިވާ އުޞޫލްތަކާ އެއްގޮތަށް ފައްކާކުރެވޭ ޤާނޫން އަސާސީ އޮތްތޯ ބަލައި ޑްރާފްޓް ކުރުމެވެ. މިމަސައްކަތުގައި އުޅުއްވި އެންމެ ފުންނާބު އުސް އެއްބޭކަލަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެ ފާނެވެ. އެމަނިކުފާނު ބެނާޑް ބޯޑިލިއަން ކުރައްވާ ކަންތައްތަކަށާއި ދެއްވާ ލަފާއަށް ފާޑުވިދާޅުވެ ހެއްދެވިއެވެ. އަލަށް އިސްލާޙުކުރެވުނު މިޤާނޫނުއަސާސީގެ އަސަރު ވަރަށް ނޭދެވޭ ގޮތަކަށް ކުރިއެވެ. އޭރުގެ މުއައްސަސާ ތަކާއި ޖަމްޢިއްޔާތަކަށް އޭގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތައް ދިމާވިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވެގެންދިޔައީ އޭރުގެ ސަރުކާރުގެ މުއައްސަސާ ތަކާއި އަމިއްލަ ޖަމްޢިއްޔާތްތައް ހިންގުމުގައި އެތަން ތަނުގައި މަސައްކަތްކުރައްވަވާ އިސްފަރާތްތަކަށް މިގޮތަށް ޤާނޫނު އިސްލާޙު ކުރެއްވުމުން ދިމާވަމުން ދިޔަ ދަތިތަކެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ބެނާރޑް ބޯޑިލިއަންގެ މި ހުށައެޅުންތަކަށް އިންކާރު ކުރުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި މައްސަލަތައް އުފެދި ބައި ބައި ވެގެން ދިޔައެވެ. އަދި ފުރަތަމަ ޤާނޫން އަސާސީ ނެތިގެން ދިއުމުގައި ބޮޑު ރޯލެއް ކުޅުނެވެ.
މިކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ އޭރުގެ ސިޔާސީ މަޝްރަހުވެސް ވަރަށް ހަލަބޮލިވެ ސިޔަސީ ފަރާތްތަކުގެ މެދުގައި ވެސް ވަރަށް ބޮޑެތި މައްސަލަތައް އުފެދުނެވެ. ކަން މިހެން އޮތުމާއި އެކު އަހަރު ދުވަސް ވާން ގާތްވެފައި ވަނިކޮށް މީސްތަކުންގެ މެދުގައި ހާލަތު މާބޮޑަށް ގޯސްވެ އޭރުގެ މުޒާހަރާކުރަން އެއްވާ މާލަމެއް ކަމަށްވާ ގުޅަކޫޅޭ ކިޔާ މާލަމަށް އެއްވެ މުޒާހަރާކޮށް އޭރުގައި އެކުލަވާލެވުނު ޤާނޫނު އަސާސީ އުވާލުމަށް ގޮވަމުން ގެންދިޔައެވެ. އަދި މުޒާހަރާގެ ތެރެއިން ހާލާތު މާބޮޑަށް ހަލަބޮލިވެ އެއްވި މީހުން ޤާނޫނު އަސާސީ ވީދާލިއެވެ. އޭގެ އެއްއަހަރު ދުވަސް ފަހުން ފުރަތަމަ ޤާނޫނު އަސާސީގައި ބަޔާން ކުރައްވާފައިވާ ގޮތުގެ މަތިން އާޤާނޫނު އަސާސީއެއް 5 ޖުލައި 1934 ވަނަ އަހަރުގައި އެކުލަވާލެވުނެވެ.
1934 ވަނަ އަހަރުގައި އެކުލަވާލެވުނު ޤާނޫނު އަސާސީ އުވާލުމަށްޓަކައި އޭރުގެ ރަސްދަރިކަލުންގެ އެދުމަށް ބައެއް ސިޔަސީ ވަޒީރުން މުޒާހަރާކުރުމަށް ނިކުމެވަޑައިގަތެވެ. މުޒާހަރާގެ ތެރެއިން އެވަޒީރުން ހައްޔަރަށް ގެންދެވުނެވެ. އެހެންނަމަވެސް ރަސްދަރިކަލުން ޙަސަން ޢިއްޒުއްދީންގެ ނުފޫޒުން ބައެއް ވަޒީރުން މިނިވަން ކުރެވުނެވެ. މިކަން މިގޮތަށް ކުރެއްވުމުގެ ސަބަބުން އަނެއްކާވެސް ރައްޔިތުން ނިކުމެ ރަސްގެފާނުގެ ގަނޑުވަރު ކުރިމަތީގައި މުޒާހަރާކޮށް މިނިވަން ކުރެވުނު ވަޒީރުން ހައްޔަރު ކުރުމަށް ގޮވަމުން ގެންދެވިއެވެ، މުޒާހަރާކުރަމުން ގެންދިޔަ ވަގުތުގައި ރަސްގެފާނު ގަޑުވަރުކޮޅުން ނިކުމެ ވަޑައިގެން ޤާނޫނު އަސާސީ އާ ރަސްގެފާނު އަދި ރަސްދަރިކަލުންގެ ތެރެއިން ބޭނުންވާ ކަމެއް ނެގުމަށް އެދުނެވެ. ހަމަ އެދުމާއި އެކީ ރައްޔިތުން ބޭނުންވަނީ ޤާނޫނު އަސާސީ ކަމަށް ބުނެ އެއްމެން އެއް އަޑަކުން އަޑު ހަރުކޮށް ބާރަށް ގޮވަމުން ގެންދިޔައެވެ. ހަމަ އެވަގުތު ރަސްގެފަނާއި ރަސްދަރިކަލުން ހައްޔަރު ކުރެވުނެވެ.
މިހެން ކަންތައް ދިމާވުމުގެ ސަބަބުން އާރަސްކަލެއް އައްޔަން ކުރެވެން ދެން ހުރިހާ އާރަކާއި ބާރެއް ހަވާލު ކުރެވިގެން ދިޔައީ އޭރުގެ ކެބިނެޓުގެ ވަޒީރުންނާއެވެ. އަނެއްކާވެސް 1934 ވަނަ އަހަރުގައި އާރަސްކަލެއްގެ ގޮތުގައި ޙަސަން ނޫރުއްދީން ޢައްޔަން ކުރެވުނެވެ. އަދި ރަންނަބަނޑޭރި ޢަބްދުލް މަޖީދުގެ ނަސޭހަތުގެ މަތިން އަނެއްކާވެސް އާ ޤާނޫނު އަސާސީ އެއް ފާސް ކުރެވުނެވެ.