ޤުރުއާނީންގެ ޙަޤީޤަތް

ޤުރުއާނީންނަކީ ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާގެ ސުންނަތް ދަލީލެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު ހަދައި، ހަމައެކަނި ކީރިތި ޤުރުއާނަށް ބަރޯސާވާ ޖަމާޢަތެއްކަމަށް ސުންނަތާމެދު އެބައިމީހުންގެ ކިބައިގައި ގިނަ ޝައްކުތަކެއް އުފެދިފައި ވާއިރު، އެއީ އަޙްލޫސް ސުންނަތް ވަލްޖަމާޢަތުގެ އުޞޫލުތަކުގެ މަތިން ދޮގުކުރެވޭ ކަންކަމެވެ. އެއްވެސް ކަމަކީ ސަލަފުންގެ ޢަޤީދާގައި ހުރިކަންތައަްތަކެއް ނޫނެވެ. މައިގަނޑުގޮތެއްގައި މީގެ ތެރޭގައި އުޅެމުންދަނީ ހުޅަނގުން ތަޢުލީމް ޙާޞިލްކުރާ މީހުންނެވެ. ނޫންނަމަ ނުކިޔަވާތިބި މީހުންނެވެ. ޝަރީޢަތުގެ ކަންފުޅެއްވެސް ނެތް ބައެކެވެ. މުސްލިމުންގެ ނަމުގައި އުޅޭ ބައެކެވެ. ޙަޤީޤަތުގައި މިމީހުންނަކީ ޤުރުއާނަށް އީމާންވާ ބައެއްވެސް ނޫނެވެ. ޤުރުއާނަށް އީމާންވާނަމަ ޤުރުއާނުގެ ނައްޞުން ކަނޑުމަސް މުޅަވެފައިވާ އެއްޗަކަށްވާތީ ޙަރާމްވެ ކއެުން ހުއްދަނުވާނެއެވެ. މާއިދާ ސޫރަތުގެ 3 ވަނަ އާޔަތުން އެކަން އެނގޭނެއެވެ. ﷲ ވަޙީކުރައްވަނީ حُرِّمَتْ عَلَيْكُمُ الْمَيْتَةُ މާނައީ” މުޅަތަކެތި ތިޔަބައިމީހުންނަށް ޙަރާމް އެއްޗެއްކަމުގައި ލައްވައިފީމެވެ” މި ނައްޞުގައި މިވާ މުޅާތަކެތީން ކަނޑުމަސް އިސްތިސްނާ ކުރެވި ޙަލާލް ކުރެއްވީ ﷲގެ ރަސޫލާގެ ސުންނަތް މެދުވެރިކޮންނެވެ. އެކަމަކު މިމީހުންނަކީ ސުންނަތަށްތަބަޢަވާ ބަޔަކަށް ނުވާތީ މިމީހުން އެދަލީލެއް ނުނަގާނެއެވެ. ވުމާއެކު މިމީހުންނަށް ޖެހޭނީ ޤުރުއާނަށް އެކަނި އީމާންވުމުގެ ދަޢުވާ ސައްޙަކުރުމަށްޓަކައި މަސްނުކައި ތިބޭށެވެ. މިމީހުންގެ ޢަޤީދާއަކީވެސް އަހްލުއްސުންނަތު ވަލްޖަމާޢަތުގެ ޢަޤީދާއެއް ނޫނެވެ. މިމީހުންގެ ޙަޤީޤީ ބޭނުމަކީ އިސްލާމްދީން ފުނޑާލުމެވެ.

ސުންނަތަށް އިންކާރުކުރުމުގެ އިތުރަށް މިބައިމީހުންނަކީ ދަންނަ ބޭކަލުންގެ އިޖްމާޢަށްވެސް އިންކާރު ކުރާ ބައެކެވެ. މިއީވެސް އިސްލާމްދީނުގެ 3 ވަނަ މަޞްދަރެވެ. ދެވަނަ މަސްދަރުކަމުގައިވާ ސުންނަތަށް އިންކާރުކުރުމާއެކީގައި ދަންނަބޭކަލުންގެ އިޖްމާޢަށްވެސް މިބައިމީހުން އިންކާރުކުރެއެވެ. އަދި ޤިޔާސްގެ އުޞޫލްތަކަށްވެސް ހަދަނީ ދެކޮޅެވެ. ކަންމިހެން ހުރުމުން މިބައިމީހުންގެ ބޭނުން ވަރަށް ސާފުވެގެންދެއެވެ. އެއީ އައު ދީނެއް އުފެއްދުމެވެ. މިބައިމީހުން އުފެދިގެން އައިގޮތަށް ބަލާއިރުވެސް މިބައިގަނޑުގެ މޫފެންނަނީ ޚާވާރިޖުންގެ ތެރެއިންނެވެ. ޚަވާރިޖުންވެސް ބައެއް ރިވާޔަތްތައް ޤަބޫލް ނުކޮށް ބައެއް ޙުކުމްތަކަށް އިންކާރުކުރިއެވެ. ހަމައެގޮތަށް މިބައިމީހުންވެސް ދަލީލް ނަގަން ފަށާފައިވަނީ ޚަވާރިޖުންގެ ފޮތުންނެވެ. މީގެ އިތުރަށް ޤުރުއާނީންނަކީ ޤުރުއާނުގެ ބައެއް ޙުކުމްތަކަށް އިންކާރުކުރާ ބައެކެވެ. އޭގެ ތެރޭގައި ރަޖަމްކުރުމުގެ ޙުކުމާއި، ޤަބުރުގެ ޢަޒާބުދެވޭނެކަމުގެ ޙުކުމާއި އަދި މުރުތައްދުވުމުގެ ޙުކުމް ހިމެނެއެވެ. މިމީހުން މުރުތައްދުވުމާއި ދެކޮޅު ހަދަނީ އެމީހުންގެ މުރުތައްދުވުން ޙިމާޔަތްކޮށް އެފަދަ ނުރައްކައުތެރި ޙުކުމަކުން ސަލާމަތް ވުމަށްޓަކައެވެ.

އިސްރާއާއި މިޢުރާޖުގެ ޙަޤީޤަތްވެސް މިމީހުން ޤަބޫލްކުރަނީ އަމިއްލަ ގޮތަކަށެވެ. ރިވާޔަތްތަކުގައި އައިސްފައިވާ ގޮތަކަށް ނޫނެވެ. ހަމަ އެފަދައިން ދައްޖާލުގެ ވާހަކަޔާއި ޔައުޖޫޖު މައުޖޫޖުގެ ވާހަކައާއި ޢީސާ ޢަލައިހިއްސަލާމް ފައިބައި ވަޑައިގަންނަވާނެ ވާހަކައަކީވެސް އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ މީހުން ޤަބޫލްކުރާ ވާހަކަތަކަކަށް ވާއިރު މިމީހުންގެ ޤަބޫލްކުރުން ވަރަށް ތަފާތެވެ. އެހެންވުމާއެކު ދެންނެވޭނީ މިއީ ހުޅާނގުގެ އެޖެންޑާއެއްގައި އުފެދި ބޮޑުވަމުން އަންނަ ޖަމާޢަތެއްކަމަށެވެ.

Leave a comment

Discover more from maldheef.com

Subscribe now to keep reading and get access to the full archive.

Continue reading