ދިވެހިރާއްޖެއަކީ ވަރަށް ގިނަ ގޮތްގޮތުން ނަމޫނާ ދައުލަތެކެވެ. ސައްތައިން ސައްތަ ހަމައެކަނި ސުންނީ ދައުލަތެވެ. ވަރަށް ދުވަސްވެފައިވާ ޤަދީމީ ޤާނޫނީ އަދި ޝަރުޢީ ތާރީޚެއް ލިބިފައިވާ ޤައުމެކެވެ. އަދި އަވަށްޓެރި ޤައުމުތަކުން އެޤައުމާއި ބެހެން ނުކެރި އެތައް ދުވަސްވަންދެން އޮތް ބަރަކާތްތެރި ދައުލަތެކެވެ. ހެއްދެވި ފަރާތާއި ގުޅުން ބޮޑު ބަޔަކު ތިބި ދީނަށް ލޯބިކުރާ ބަޔަކު ތިބި ޤައުމެކެވެ. ﷲ ބައްލަވާ ވޮޑިގެންވާކަން ޤަބޫލުކުރާ ޙާލު ޤާނޫނުތަކަށް އިޙްތިރާމް ކުރާބަޔަކު އުޅެމުންދާ ރާއްޖެއެކެވެ. ރަޤާބާ ޒާތިއްޔާ އޮންނަކަން ޤަބޫލްކުރާ ބަޔަކު ތިބިތަނެކެވެ. ޕޫރުބެ ރޫޑިން ޢަދްލު އިންޞާފުގެ އަސާސަކަށް ބަލައިގެން އުޅެފައި އިސްލާމްވުމުން ޝަރީޢާއަށް ބަދަލުވި ބަޔަކު އުޅެމުން އަންނަތަނެކެވެ. ރަޤާބާ އަލް އިލާހިއްޔާއަށް އީމާންވާ ބަޔަކު އުޅޭ ތަނެކެވެ.
ރަޤާބާއަކީ މޮނިޓަރ ކުރުމެވެ. ނުވަތަ ކަމެއް ހިނގަނީ ރަނގަޅަށްތޯ ނުވަތަ އެކަމަކީ ރަނގަޅު ކަމެއްތޯ އަޅާބަލާ ކިއުމެވެ. މިގޮތުން ބަލާއިރު ޤަޟާއިއްޔަތުން ނުވަތަ ޝަރީޢަތުން ކަމެއް ބެލުމަކީ އެކަމަކާއި ބެހޭގޮތުން ޝަރީޢަތް މެދުވެރިކޮށް ނުވަތަ ކޯޓުމެދުވެރިކޮށް ބަލާބެލުމެވެ. މީގެ އިތުރުން އެފަދަބާރެއް ލިބިގެންވާ މަޖުލީހަކުން ނުވަތަ ކޮމިޓީ އަކުން ނުވަތަ ޖަމާޢަތަކުން އެކަން ކުރުމެވެ. މިއީ ރިޤާބާގެ މާނައެވެ. ނަމަވެސް ޤާނޫނަކާމެދު ޝަރީޢަތް ނުވަތަ ކޯޓެއް މެދުވެރިކޮށް ރިޤާބާ ކުރުމޭ ބުނެވެނީ ޙަވާލާދޭ ޤާނޫނަކީ އެޤާނޫނެއް ހެދުމަށްޓަކައި ޙަވާލާ ދެވުނު ދުސްތޫރީ ޤާނޫނަކާއި އެއްގޮތްތޯ ނުވަތަ އެދުސްތޫރީ ޤާނޫނާއި ޚިލާފުތޯ ޝަރީޢަތް ނުވަތަ ކޯޓެއް މެދުވެރިކޮށް ނުވަތަ އެފަދަބާރެއް ލިބިފައިވާ މަޖުލީހަކުން ބަލާ ބެލުމަށް ބުނެވޭ ބުނުމެކެވެ.
ޤަޟާ ނުވަތަ ޖުޑިކޭޝަން ދެމާނައެއްގައި ބޭނުން ކުރެވެއެވެ. އެއްމާނައަކީ ކޯޓު ތަކެވެ. ދައުލަތުގެ ނިޔާ ކަނޑައަޅާ މަޙްކަމާ ތަކެވެ. އައްސުލްޠަތުލް ޤަޟާއިއްޔަތް އެވެ.ޤަޟާގެ އަނެއް މާނައަކީ މީސްތަކެއްގެ މެދުގައި އުފެދޭ އެކިއެކި ކަންކަން ނިޔާ ކުރުމުގެ ތެރޭގައި އެނިޔާއެއް ކަނޑައަޅާ މަޙްކަމާތަކުންނާއި ނުވަތަ ކޯޓުތަކުން ކަނޑައަޅާ ޙުކުމް ތަކުގެ މަޖްމޫޢްއެވެ. ނަމަވެސް ޤާނޫނީ ގޮތުން ނެގޭ މާނައިން ޤަޞްދު ކުރެވެނީ މުޅިން އެހެން މާނައެވެ. އެއީ، ވަކިކަހަލަ ކަމެއްގައި ވަކިކަހަލަ ޙުކުމެއް ކުރުމަށް މަޙްކަމާތަކުން ނުވަތަ ކޯޓުތަކުން ޤަބޫލުކޮށް އެގޮތަށް މަޙްކަމާތަކުން ނުވަތަ ކޯޓުތަކުން ޢަމަލު ކުރަމުންދާ ދިއުމެވެ.

ތިއަރީ ގޮތުން ބަލާއިރު ޤާޟީ ނުވަތަ ނިޔާކުރާ މީހެއްގެ ވާޖިބަކީ ނުވަތަ ވަޡީފާއަކީ، އޭނާގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަ ތަކުގައި ހެދިފަ އޮންނަ ޤާނޫނާއި ޤަވާޢިދާ އެއްގޮތައް ޢަމަލު ކުރަމުން ގެންދިއުމެވެ. ޤާނޫނު ހެދުމާއި އެއަށްފާޑު ކިއުމަކީ، އޭނާ ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ނަމަވެސް ޢަމަލު ކުރުމުގައި ކަންހިނގަނީ މިގޮތާއި މުޅިން ޚިލާފަށެވެ. އެކަންވާ ގޮތަކީ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ނައްޞުންބުނާ އެއްޗެއް ސާފުކޮށް ދޭހަނުވާނަމަ، އެޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ބުނާއެއްޗެއް މާނަކޮށް ނުވަތަ ތަފުޞީރު ކުރުމަކީ ޤާޟީގެ ނުވަތަ ނިޔާކުރާ މީހެއްގެ ވާޖިބެކެވެ. އެހެނީ އޭނާ އެނިޔާކުރަނީ އެޤާނޫނު ނުވަތަ އެޤަވާޢިދުގެ ދަށުން ކަމަށްވާތީއެވެ. މިގޮތުން އޭނާ އެކުރާ ތަފުޞީރު ނުވަތަ މާނައިގެ ސަބަބުން އާ ޤާނޫނު ނުވަތަ ޤަވާޢިދު ހެދި ނުވަތަ ހެދިފައިވާ ޤާނޫނާއި ޤަވާޢިދަށް އުނިއިތުރު އައިސް އިންސާފުން އެއްކިބާވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ އޭގެބައެއް ވިއަސް ނިޔާކުރާ މީހާއަށް ނުވަތަ ޤާޟީއަށް ފެނިއްޖެނަމަ، އޭގައިބުނާ އެއްޗެއް ސާފުނުވާ ކަމަށް ޙުއްޖަތް ނުވަތަ ދަލީލު ދައްކައި އެޤާނޫނު ނުވަތަ ޤަވާޢިދު ނުވަތަ އެބައި އޭނާ ތަފުޞީރު ކުރެއެވެ. އެތަފުޞީރުގެ އަލީގައި އޭނާދަނީ ޤާނޫނާއި ޤަވާޢިދު ހަދަމުންނެވެ. އެތަފުޞީރުތައް ކޯޓުތަކުންނާ މަޙުކަމާތަކުން ބަލައިގަނެ އެއާއެއްގޮތަށް ޢަމަލު ކުރަމުންދާނަމަ، އެއޮންނާނީ ޤާނޫނަކަށް ނުވަތަ ޤަވާޢިދަކަށް ވެފައެވެ. މިގޮތުން އޭގެ މާނައަކީވެސް ޤަޟާ އެވެ. އަދި ހަމައެހެންމެ ޢަދާލަތުގެ ރޫޙާއި އެއްގޮތަށް ނިޔާކުރާ މީހާގެ އިޖުތިހާދުން ނެރޭ ނިޔާ އަކީވެސް ކޯޓުތަކުން ބަލައިގަންނަނަމަ ނުވަތަ ޢަމަލު ކުރަމުންދާނަމަ، އެއީވެސް ޤާނޫނެކެވެ. އޭގެމާނަ އަކީވެސް ޤަޟާ އެވެ.
އިނގިރޭސިވިލާތާއި އަދިއެނޫންވެސް އެފަދަ ބައެއް ޤައުމުތަކުގައިވެސް ޤާޟާގެ ނިޡާމު މުޅިން ތަފާތެއެވެ. އެޤައުމު ތަކުގައި ޤަޟާއަކީ ޤާނޫނު އުފެދޭ ރަސްމީ މަންބަޢެއް ކަމުގައިވެއެވެ. އިނގިރޭސި ވިލާތުގައި ޙުކުމެއް ކޯޓަކުން ކޮށްފި ނަމަ، ދެން އެކަހަލަ ހުރިހާ ޤަޟިއްޔާއެއްގައިވެސް ކުރާނީ އެޙުކުމެވެ. އަދި ދަށުކޯޓަށް ވެސް މިޙުކުމާއި އެއްގޮތަށް ޙުކުމް ކުރަން ލާޒިމުވާނެއެވެ. މަތީދަރަޖައިގެ ކޯޓުތަކުން ކުރާޙުކުމަށް ދަށުދަރަޖައިގެ ކޯޓަށް ތަބަޢަވާން ޖެހެއެވެ. “ހައުސް އޮފްލޯޑުސް” އިން ނިޔާއެއް ކޮށްފިނަމަ އެނިޔާއަކާއި އެއްގޮތަށް އެތަނުގެ ހުރިހާ ދަރަޖައިގެ ކޯޓުތަށްވެސް ތަބާވާން ޖެހޭނެއެވެ. އެއާއި ޚިލާފު ވެވޭނީ ޕާލިމެންޓުން ފާސްކުރާ ޤާނޫނަކުންނެވެ.